އޮޕަރޭޝަން އަލިމަގު: 4 މީހުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އަވަސް
13 ޖެނުއަރީ 2026 | އަންގާރަ | 7:17
ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ހިންގި "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރި މީހުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިމަހުގެ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކުރި އެވެ. މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ފުލުހުން ރޭ ބުނި ގޮތުގައި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އަދި މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. "އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފަ،" ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި މި ހުރިހާ ފަރާތްތަކުގެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 ދައުރު ކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރުކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 އެވެ. ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރު ކޮށްފައިވާއިރު މި މުއްދަތު ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށެވެ.