ޓޫރިޒަމަށް އަމާޒުކޮށް އޭއައި ބޭނުންކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ
އަވަސް
13 ޖެނުއަރީ 2026 | އަންގާރަ | 2:28
މަޓާޓޯއިން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި ނަޒަރަކުން އޭއައި ބޭނުންކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ވޯކްޝޮޕް ކުރިޔަށްދާނީ އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެންނެވެ. މަޓާޓޯ އިން ބުނީ އެއްދުވަހަށް ފަރުމާކޮށްގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމަކީ ޓޫރިޒަމް ސިނާއަތުގެ މީހުން ބިނާކުރުމުގެ ގޮތުންނާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އެކި ފަންތީގެ މުވައްޒަފުންނަށް ދުވަހު މަސައްކަތުގައި ސަލާމަތްކަމާއި ޒިންމާދާރު އަދި އުފެއްދުންތެރި ގޮތެއްގައި އޭއައި ބޭނުންކުރަން ދަސްކޮށްދޭ ޕްރޮގްރާމެކެވެ. އޭއައިއަކީ މިހާރުވެސް ޓޫރިޒަމް ސިނާއަތުގައި ހަލުވިކަމާއެކު ބޭނުން ކުރެވޭ ވަސީލަތެކެވެ. ނަމަވެސް ނުރަނގަޅު އަދި ރައްކާތެރިކަން ކުޑަ ގޮތަށް އޭއައި ބޭނުން ކުރެވިއްޖެނަމަ އޭގެ ނޭދެވޭ ކުރިމަތިވެދާނެކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ މި ވޯކްޝޮޕުން ބައިވެރިންނަށް ރައްކާތެރި ގޮތުގައި އޭއައި ބޭނުންކުރަން ދަސްވާނެ ކަމަށެވެ. މި ޕްރޮގްރާމުން ދުވަހު މަސައްކަތްތައް އަވަސްކުރަން ދަސްވާނެ ކަމަށާއި އެކިއެކި މުއާމަލާތުގެ ފެންވަރު ރަނގަޅުވެ ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުން ކުރަން އެނގޭނެ ކަމަށް މަޓާޓޯ އިން ބުނެފައިވެ އެވެ. އެއް ދުވަހުގެ މި ވޯކްޝޮޕްގައި ހިމެނޭ ބައިތަކުގެ ތެރޭގައި އޭއައިގެ އަސާސީކަންކަމާއި ބޭނުންކުރެވޭނެ ޓޫލްސްތަކާއި ކޮމްޕްލައިންސް، ސިއްރު ހިފެހެއްޓުން އަދި ރިސްކް މެނޭޖްމަންޓް ހިމެނެ އެވެ. މީގެ އިތުރުން ރައްކާތެރި ގޮތުގައި ޑާޓާ ގެންގުޅެން ދަސްވާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ. މަޓާޓޯ އިން ބުނީ މި ވޯކްޝޮޕްގައި ބައިވެރިވާ ސްޓެޓީޖިކް ޕާޓްނަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އެ ގޮތުން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އާއި ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް ސްޓޫޑަންޓް އައިޑެންޓިޓީކާޑް ހޯލްޑާސްއަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް މަޓާޓޯ އިން ބުނެފައިވެ އެވެ.