3.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިފި
އަވަސް
14 ޖެނުއަރީ 2026 | ބުދަ | 8:17
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 3.2 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ. މީގެ ތެރޭގައި އަންނަ މަހުގެ 9 ވަނަ ދުވަހަށް އަނބުރާ ދައްކާ 1.08 ބިލިއަން ރުފިޔާގެ ޓީބިލަކާއި އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 55 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ. މީގެ އިތުރުން ޖުލައި 6 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 130 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 1.94 ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ. ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.