5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އަވަސް

14 ޖެނުއަރީ 2026 | ބުދަ | 9:02

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންގައި ބިދޭސީން ހިންގަމުންދިޔަ ފަސް ތަނެއް ބަންދުކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންގެންދާ ބިދޭސީން ހޯދާ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން، ފުލުހުންނާއި އިމިގްރޭޝަން އާއި ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، ފަސް ތަނަކަށް ނޯޓިސް ދިނުމަށްފަހު ވަނީ ބަންދުކޮށްފަ އެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި ބިދޭސީން ހިންގާ ބައެއް ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް