ބޯހިޔާވަހިކަމަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

އަވަސް

14 ޖެނުއަރީ 2026 | ބުދަ | 4:19

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އާންމުކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ހުޅުވާލަން ކުރިން ނިންމި އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނެސް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ދުވަހު ހުޅުވާލަން ނިންމި އެވެ. ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް