ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
އަވަސް
14 ޖެނުއަރީ 2026 | ބުދަ | 6:08
ޒަކާތުގެ ގާނޫނަށް މި އަހަރުން ފެށިގެން އަމަލުކުރަން ފެށުމާއެކު އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް ހަރުދަނާކަމާއެކު އަމަލީ ގޮތުން ފެށުމާ ގުޅޭގޮތުންނެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ. ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި އެކި މުއައްސަސާތައް ތަމްސީލުކުރާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. މީގެ ތެރޭގައި އިސްލާމިކް މިނިސްޓަރާއި ޑިރެކްޓާ ޖެނެރަލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މެންބަރަކާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މެންބަރެއް ހިމެނެ އެވެ. މީގެ އިތުރުން މާލިއްޔަތާބެހޭ ވުޒާރާގެ އިސް މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މެންބަރެއް މި ކައުންސިލްގައި ހިމެނެ އެވެ. މި ކައުންސިލްގައި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ދެ މެމްބަރުން ތަމްސީލުކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެ ގޮތުން އައްޔަންކުރާ ދެ މެންބަރުކަމަށް މިމަހުގެ ފަސް ވަނަ ދުވަހު ހުޅުވާލިއިރު ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އަށް ހަމަވާނެ އެވެ. މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު އިދާރީގޮތުން ހިންގުމާއި ބެލެހެއްޓުމުގައި "މޯލްޑިވްސް ޒަކާތު ހައުސް"އަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.