ވޯޓާސް ލިސްޓަށް 315 ޝަކުވާ
އަވަސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 8:11
މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 315 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. ވޯޓު ލިސްޓަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅި ޝަކުވާ ހިމެނޭ ކަމަށް އީސީ އިން ބުނެފައިވެ އެވެ. އިންތިހާބާގުޅޭ އެއްވެސް މައުލޫމާތެއް ހޯދުމަށް ބޭނުންވާނަމަ، އީސީގެ ކޯލް ސެންޓަރު 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. ކޯލް ސެންޓަރުގެ ހިދުމަތް ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 08:00 އަށް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.