ލޯފަން މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީވާން ހުޅުވާލައިފި
އަވަސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 8:20
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ ކަމަށެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ 10:00 ގެ ކުރިން 1414 އަށް ގުޅައި ރަޖިސްޓަރީކުރަންވާނެ ކަމަށް އީސީ އިން ބުނެފައިވެ އެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 ގެ ކުރިން ގުޅުމުން ރަޖިސްޓަރީކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް އީސީ އިން ބުންޏެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެކަމަށް ހާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އަދި މި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިގާބުގަ އެވެ.