ސައުދީން ޔަމަނަށް 1.9 ބިލިއަން ރިޔާލްގެ މަޝްރޫއު
އަވަސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 9:00
ސައުދީ ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮގްރާމް ފޯ ޔަމަން (އެސްޑީއާރުޕީވައި) މެދުވެރިކޮށް ސައުދީ އަރަބިއްޔާއިން ޔަމަނުގެ ތަރައްގީއަށްޓަކައި 1.9 ބިލިއަން ސައުދީ ރިޔާލުގެ 28 މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ޔަމަނުގެ އެކި ސަރަހައްދުތަކުގެ ސިއްހީ ދާއިރާ، ހަކަތަ، ތައުލީމު އަދި ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތައް ހިމެނެ އެވެ. މި އެހީއަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުންނާއި ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ޔަމަނުގެ ރައްޔިތުންނަށް ސައުދީން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ބައެކެވެ. މީގެ އިތުރުން، ޔަމަނުގެ ހުރިހާ ސަރަހައްދެއްގެ އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ އާ ގްރާންޓެއްވެސް ވަނީ އިއުލާނުކޮށްފަ އެވެ. ސައުދީގެ އެހީގައި މިހާރުވެސް 27 މަޝްރޫއެއްގެ މަސައްކަތް ޔަމަނުގައި ކުރިއަށްދާއިރު އެ މަސައްކަތްތައް 2026-2027 އާ ދެމެދު ނިމޭނެ އެވެ.