ގޯއްޗާއި ފްލެޓަށް ހުޅުވާލުން އާދިއްތައަށް ފަސްކޮށްފި

އަވަސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 10:55

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މިއަދު އެ ފުރުސަތު ހުޅުވާލުމަށެވެ. އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފުރުސަތު ހުޅުވާލުމަށް މިހާރު ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. އެގޮތަށް ނިންމީ ވަރަށް ގިނަ ބަޔަކު ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާނެ ކަމަށް ލަފާ ކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ކުރިމަތިލާން ހުޅުވާލުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ހުރެ ދާނެތީ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ ގޯއްޗާއި ފްލެޓަށް އެދި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އާންމުކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ހުޅުވާލަން ކުރިން ނިންމި އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނެސް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ދުވަހު ހުޅުވާލަން ނިންމި އެވެ. ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް