ކިޔު ސްޓަޑީގެ ނަމުގައި ބަޔަކު ހަރަކާތްތަކެއް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 1:44

ކިޔު ސްޓަޑީ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އާންމު މުޖުތަމައަށް އޮޅޭ ގޮތަށް ބަޔަކު ހަރަކާތްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ޒައި އިންވެސްޓްމެންޓުން އިލްތިމާސްކޮށްފި އެވެ.

ޒައި އިންވެސްޓްމެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކިޔު ސްޓަޑީ މޯލްޑިވްސް، ކިޔު ސްޓަޑީ، ކިޔު ސްޓަޑީ ވޯލްޑް، ކިޔު ވޯލްޑް، އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ، ކިޔު ވޯލްޑް އެކްސްޕޯ، ސްޓަޑީ އެބްރޯޑް އަދި އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަނަލް އެކްސްޕޯ، މި ހުރިހާ ނަންތަކަކީ އިކޮނޮމިކް މިނިސްޓްރީން ޒައި އިންވެސްޓްމަންޓަށް ރަޖިސްޓާ ކޮށްދީފައިވާ ނަންތަކެއް ކަމަށެވެ. ޒައި އިންވެސްޓްމެންޓްގެ ބަޔާނުގައި ވަނީ ފާއިތުވެ ދިޔަ 7 އަހަރު ދުވަހު މި ނަންތަކުގައި ވަރަށް ގިނަ ކާމިޔާބު އެޑިއުކޭޝަނަލް ފެއާ އަދި އެކްސްޕޯތަކެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ޒައި އިންވެސްޓްމެންޓްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން މަތީ ތައުލީމު ހާސިލުކުރުމަށް ފޮނުވާފައިވާކަންވެސް ފާހަގަކޮށްފަ އެވެ. ނަމަވެސް ބޭރު ބަޔަކާއި ގުޅިގެން "ލީގަލް އެއިޑް އެލް.އެލް.ޕީ" ކިޔާ ބަޔަކު "މައި ކިޔު ސްޓަޑީ" ގެ ނަމުގައި ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ޒައި އިންވެސްޓްމެންޓުން ބުނެފައިވެ އެވެ. ޒައި އިންވެސްޓްމެންޓުން ބުނި ގޮތުގައި މިއީ "ކިޔު ސްޓަޑީ" އަދި "ކިޔު ސްޓަޑީ މޯލްޑިވްސް" ގެ ނަން އޮޅުވާލައިގެން ކުރިއަށް "މައި" އިތުރުކޮށް ކިޔަން ނޭނގޭނެ ފަދަ ކުޑަ ފޮންޓެއް ބޭނުންކޮށްގެން މީހުންނަށް އޮޅޭނެ ފަދަ ގޮތަކަށް އިސްތިހާރުކުރުމަށް ބޭނުންކޮށްފައިވާ އުކުޅެކެވެ. މިކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުން އެ ނަން ބަދަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ލީގަލް އެއިޑް އެލްއެލްޕީއަށް އަންގާފައިވާ ކަމަށާއި ނަމަވެސް ނަން ބަދަލުކުރުމަށް އަންގާފައިވަނިކޮށް މިމަހުގެ 16 އަދި 17 ވަނަ ދުވަހު ބާސެލޯ ނަސަންދުރަ ހޮޓަލުގައި މައި ކިޔު ސްޓަޑީ އަދި އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން އެކްސްޕޯގެ ނަން ބޭނުންކޮށްގެން އެޑިއުކޭޝަނަލް އެކްސްޕޯއެއް ބޭއްވުމަށް އިޝްތިހާރު ކުރަމުންދާ ކަމަށް ޒައި އިންވެސްޓްމެންޓުން ބުނެފައިވެ އެވެ. ޒައި އިންވެސްޓްމެންޓުން ބުނީ "ކިޔު ސްޓަޑީ މޯލްޑިވްސް" އަދި "އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން އެކްސްޕޯ" ގެ ނަން ބޭނުންކޮށްގެން އަދި ރަޖިސްޓްރީކޮށްފައިވާ ލޯގޯ ބޭނުންކޮށްގެން ދަރިވަރުންނާއި ބެލެނިވެރިންނަށް އޮޅޭ ގޮތަށް ބަޔަކު ހިންގަމުންދާ ހަރަކާތް ދައުލަތުގެ ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން އެކްސްޕޯގައި އެކްސްޕޯއެއް ހިންގުމުގެ ހުއްދަ ހަޔާ އެޑިކޭޝަން މިނިސްޓްރީން އެއްވެސް ބަޔަކަށް ދީފައިނުވާކަން އެ މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ޒައި އިންވެސްޓްމެންޓުން ބުންޏެވެ. ޒައި އިންވެސްޓްމެންޓުގެ ބަޔާނުގައި ވަނީ މިއީ ކިޔު ސްޓަޑީގެ ނަން އަދި އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން އެކްސްޕޯގެ ނަން ބޭނުންކޮށްގެން އާންމު މުޖުތަމައަށް ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހީލަތްތެރި އަމަލެއްކަން ފާހަގަކޮށްފަ އެވެ. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޒައި އިންވެސްޓްމެންޓުން ބުނީ ނަސަންދުރަ ހޮޓަލުގައި މިމަހުގެ 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް އިޝްތިހާރު ކުރަމުންދާ އެޑިއުކޭޝަނަލް އެކްސްޕޯއަކީ ކިޔު ސްޓަޑީ މޯލްޑިވްސް އަދި އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން އެކްސްޕޯ އާއި އެއްވެސް ގުޅުމެއް އޮތް އެކްސްޕޯއެއް ނޫން ކަމަށް ބުނެފަ އެވެ. އަދި "މައި ކިޔު ސްޓަޑީ" އަކީ ކިޔު ސްޓަޑީ މޯލްޑިވްސް އާ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ނޫން ކަމަށް ބުނެފަ އެވެ. ޒައި އިންވެސްޓްމެންޓުން އިތުރަށް ބުނީ ކިޔު ސްޓަޑީ މޯލްޑިވްސްގެ ނަން ބޭނުން ކޮށްގެން އާންމު މުޖުތަމައަށް އޮޅޭގޮތަށް އެޑިއުކޭޝަނަލް އެކްސްޕޯ ހިންގުމަށް އިޝްތިހާރުކުރަމުން އަދި ދަރިވަރުން އަތުން ފައިސާ ނަގަމުން ދާކަމުގެ މަޢުލޫމާތު ލިބިފައިވާތީވެ މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި މިކަމާއި ގުޅިގެން ސިވިލްކޯޓަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

މައުޟޫޢުތަށް