"މޯލްޑިވްސް ޑިޖިޓަލް ސާވިސް" އުފައްދައިފި
އަވަސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 8:19
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އުފައްދައިފި އެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދެވުމަށް ފަހު އެ އިދާރާއަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި "ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ" މިއަދު ވަނީ އުވާލައްވާފަ އެވެ. ރައީސް މުއިއްޒު މި ގޮތަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދެވީ ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ނިންމަވައިފައިވާ ނިންމެވުންތަކުގެ ތެރޭގައި، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސާވިސް ކަމުގައި ހަމަޖެއްސެވުމަށް ނިންމަވައިފައިވާތީ ކަމުގައި ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވެ އެވެ. މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދެވުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެންސީއައިޓީ އިން މިހާތަނަށް ކުރަމުންއައި މަސައްކަތްތައް ދެން ކުރަމުންދާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ.