މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

އަވަސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 8:32

ހުޅުމާލެ ފޭސް 2 އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ބިލާލުގެ، ޝުނީނު އަންވަރު (24އ) އާއި ސ. ހިތަދޫ / ބްލޫކޯނާ، ޙުސައިން ނާހީ ޖަމާލު (23އ) އާއި ގދ. ތިނަދޫ / ކުލުނު، އަލީ ސަރީޚު އަންވަރު (23އ) އާއި ސ. މީދޫ / ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24އ) އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް