56 ރަށަކަށް އެމްބިއުލަންސް ހަވާލުކޮށްފި

އަވަސް

18 ޖެނުއަރީ 2026 | އާދިއްތަ | 9:17

އެމްބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން 56 ރަށަކަށް އެމްބިއުލަންސް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ރޭ އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެމްބިއުލަންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމު ވިދާޅުވީ ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އެއް ގޮންޖެހުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލންސްގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތުން ކަމަށެވެ. އެމްބިއުލަންސްތަކަށް ދިމާވާ މައްސަލަތަކާ ހެދި ޚިދުމަތް ނުދެވޭ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްބިއުލަންސްތަކުގެ މެއިންޓަނަންސް އެންޑް ސާވިސްގެ މަސައްކަތްތައް ސަރުކާރުން އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. "އެމްޕީއެލްއާއެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެމްބިއުލަންސްވެސް އެބަ އާދޭ. ބޮޑެތި ސިޓީތަކަށް ބޭނުންވާ އަދި ރައީސް އެދިލައްވާ ގޮތަށް ބޮޑެތި ޕެރެމެޑިކް ބޮޑެތި ސައިޒުގެ ބޮޑެތި ނުރައްކާތެރި ހާލައްތަކުގައިވެސް ހިދުމަތް ދެވޭ ފެންފަރުގެ އެމްބިއުލާންސް އެބައާދޭ. މުޅި މިނިޒާމުގެ ފުރިހަމަވެގެންދާނެ" ނާޒިމު ވިދާޅުވި އެވެ.

ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން މިވަގުތު އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު އެވެ. ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ދިވެރާއްޖެއަށް ގެނެސްފައެވެ.

މައުޟޫޢުތަށް