ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ
އަވަސް
18 ޖެނުއަރީ 2026 | އާދިއްތަ | 9:49
ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. އެމްއެންޑީއެފް އިން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ބޯޓުން ޖުމްލަ ހަތަރު މީހުން ދަތުރުކުރިއެވެ. މީގެތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށްވެސް ބުންޏެވެ. ބޯޓު ބަންޑުން ޖަހާލި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދޮ ބޯޓުގައި އުފުލީ ކޮން ކަހަލަ މުދަލެއްކަންވެސް އަދި އެނގިފައެއް ނުވެ އެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއްވެސް އަދި އެނގިފައެއް ނުވެ އެވެ.