ތެރަޕީގެ ފަރުވާތަކަށް ޑިސެމްބަރު މަހު 7.5 މިލިއަން ރުފިޔާ
އަވަސް
18 ޖެނުއަރީ 2026 | އާދިއްތަ | 6:05
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ފަރުވާތަކަށް މިދިޔަ މަހު 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފައިވާ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމުލަ 231 މީހަކަށް ތެރަޕީގެ އެކި ފަރުވާތައް ދީފައިވެ އެވެ. އެއީ 159 ފިރިހެނުންނާއި 72 އަންހެނުންނެވެ. ތެރަޕީ އެންމެ ގިނައިން ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މި އުމުރުފުރާގެ 221 ކުދިންނަށް ތަފާތު ވައްތަރުގެ ތެރަޕީ ދީފައިވާއިރު އެއީ 156 ފިރިހެން ކުދިންނާއި 65 އަންހެން ކުދިންނެވެ. އަދި އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 10 މީހަކަށްވެސް މިދިޔަ މަހުގެ ތެރޭގައި ތެރަޕީ ދީފައިވެ އެވެ. ވަކިވަކި ތެރަޕީތަކަށް ބަލާއިރު ޑިސެމްބަރު މަހު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީ އަށެވެ.
ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި 250 ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.