މޭޔަރަކަށް ހޮވަންވީ ރައީސްގެ ސްޕީޑް ހުރި ބޭފުޅެއް: ނައިބް ރައީސް
އަވަސް
19 ޖެނުއަރީ 2026 | ހޯމަ | 1:02
މާލެއަށް ބޭނުންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ދުވެލީގައި މަސައްކަތް ކުރައްވާނެ ފަދަ މޭޔަރެއް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމަށް ހޮވަންވާނީ ޤައުމީ ލޯބި ހުރި ބޭފުޅުން ކަމަށެވެ. ނައިބް ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރާ ގުޅިގެން މަަސައްކަތް ކުރަންޖެހޭ ތަންތަން ކަމަށްވާތި ހުރަސްއަޅައި، ދަތިކުރާ ބަޔަކު ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުން ނުވާ ކަމަށެވެ. ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަރުންތަކެއް ހޮވަން ރައީސް ވެސް ބޭނުންވާތީވެ އެކަމަށް ރައްޔިތުން މަގުފަހިކޮށްދިނުމަށްވެސް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ. "މިސިޓީގައި މައްސަލަތައް ތަންމިނަށް އެބަހުރި. ކާރުބާރު ބޮޑުވުމާއި، އަމާންކަމާއި ސުލްހަމަސަލަސްކަމުގެ މައްސަލަތައް އެބަހުރި. މާލެއަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ޒިޔާރަތްކުރާ ތަނަށްވާއިރު، މިތަނަކީ އަމާންކަމާއެކު ހިނގާބިނގާވެ އުޅެވޭ، ދުއްވުމުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓިފައިވާ ތަނަކަށް ވާންޖެހޭ،" ނާއިބް ރައީސް ވިދާޅުވި އެވެ. ނައިބް ރައީސް ވަނީ މޫސާ އަލީ ޖަލީލަށް މާލޭގެ ރައްޔިތުން ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ. މޫސާ އަލީ ޖަލީލުގެ މޭޔަރު ކަމުގައި ރައީސް މުއިއްޒު މާލެއާ ގުޅޭގޮތުން ތަސައްވުރު ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ނައިބް ރައީސް ދެއްވެވި އެވެ.