ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފި

އަވަސް

18 ޖެނުއަރީ 2026 | އާދިއްތަ | 9:00

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފި އެވެ.

މިއީ އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހެކަތޯން އެކެވެ. މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިންތަކެއް އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް މަދު ވަގުތެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ އެވެ. މީގެ އިތުރުން ޕްރޮޑަކްޓްތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ޕްރޮޑަކްޓް ތައާރަފްކުރުމާ ހަމައަށް އޭއައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފާރަތްތަކުގެ އެހީއާއި އެއްބާރުލުން ލިބިގެންދާނެ އެވެ. އެހެން ހެކަތޯންތަކާއި ހިލާފަށް ޖެން.އޭއައި ހެކްގައި ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެކެވެ. އަދި މި ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ހާއްސަކޮށްގެން މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތަކެކެވެ. ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕަރޓްނަރަކީ ސިނެޓެކްސް އެވެ. "ނޯ ޝިޕިން، ނޯ ޕިޗިން" ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފްކުރަންޖެހެ އެވެ. އެހެންކަމުން ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކެވެ. ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން ހަސަން ވިދާޅުވީ ޖެނެރޭޓިވް އޭއައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. "އެހެންކަމުން މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭއައިގެ އެހީގައި ހައްލުތައް ހޯދައި، ތަކެތި އުފެއްދުމަށާއި، އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފްކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް"، މިރުޝާން ވިދާޅުވި އެވެ. ސްޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑާ ހުސައިން ޖިނާން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައިވެސް އާ ވިޔަފާރިވެރިން ދަނީ އޭއައި ބޭނުންކޮށްގެން ހުނަރުގެ ފަރަގު ކުޑަކޮށް، އޭއައިގެ އެހީގައި ހަލުއިކަމާއެކު ޕްރޮޑަކްޓްތައް އުފައްދަމުން ކަމަށެވެ. "އެހެންކަމުން އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެން.އޭއައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި، އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި، އެ ތަކެތި ތައާރަފްކުރުމަށް އެހީތެރިވުން"، ޖިނާން ވިދާޅުވި އެވެ. ޖެން.އޭއައި ހެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް ފެބްރުއަރީ މަހުގެ 6 އިން 8 އަށެވެ. މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 3 – 5 މެމްބަރުންގެ ޓީމްތަކަށް ހުޅުވާލާފަ އެވެ. މި ފުރުސަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

މައުޟޫޢުތަށް