މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް 73.5 ޕަސަންޓް ކުޑަ

އަވަސް

19 ޖެނުއަރީ 2026 | ހޯމަ | 8:00

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމާއި ޚަރަދުތައް ކުޑަކުރުމާ ގުޅިގެން މިދިޔަ އަހަރު ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުންދާ ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމާއި ހަރަދުތައް ކުޑަކުރުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފަ އެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 73.5 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ އަކީ 39.6 ބިލިއަން ރުފިޔާ އެވެ. މިއީ 2024 ވަނަ އަހަރުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ. އަންދާޒާތަކަށްވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ ދެ ބިލިއަން ރުފިޔާ އިތުރު ވެފަ އެވެ. ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް -- ޓީޖީއެސް.ޓީގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު މިއީ 2024 ވަނަ އަހަރު ލިބުނު 8.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް