އިކްރާމު، އަދާލަތުގެ ރައީސް ހޮވާ އިންތިހާބު ބޮއިކޮޓް ކުރައްވައިފި
އަވަސް
20 ޖެނުއަރީ 2026 | އަންގާރަ | 11:40
އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދެވި ޑރ. އިކްރާމް އަބްދުއްސައްތާރު އިންތިހާބު ބޮއިކުރައްވައިފި އެވެ.
ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވަމުން ގެންދެވީ އިކްރާމުގެ އިތުރުން އަދާލަތު ޕާޓީގެ މިހާރު ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާނެވެ. އިންތިހާބު ބޭއްވުމަށް ނިންމާފައި އޮތީ މިމަހުގެ 31 ވަނަ ދުވަހު އީ-ވޯޓިން އުސޫލުންނެވެ. އިކްރާމު ހުށަހެޅުއްވީ އީ-ވޯޓިންގެ ބަދަލުގައި ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އިކްރާމު ތުހުމަތު ކުރައްވާ ގޮތުގައި އީ-ވޯޓިން އަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ހަމަޖެއްސި އުސޫލެކެވެ. އިކްރާމު މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ރައީސަކު ހޮވާ އިންތިހާބު ބޮއިކޮޓްކުރަން ޖެހުނީ އިންތިހާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ، ދެފުށްފެންނަ އަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ. އެގޮތުން ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކޮންމެ ގޮތެއް ހަދައިގެން އިންތިހާބުން ބޭނުންވާ ނަތީޖާ ނެރެން ރާވާފައިވާކަން ކަށަވަރުވެފައިވާ ކަމަށްވެސް ބުންޏެވެ. އަދާލަތު ޕާޓީން ބުނީ ވޯޓު ފޮށި ބަހައްޓައިގެން ވޯޓު ލުމަށް ޕާޓީގެ އުސޫލުތައް ޖާގަ ނުދޭ ކަމަށެވެ. ވޯޓުލާން ބޭނުންކުރަނީ ރާއްޖޭގައި އިތުބާރު ލިބި އިދާރާތަކުގައި ވޯޓު ލުމަށް ބޭނުންކުރާ "ފަހި ވޯޓު" ކަމަށްވެސް ބުންޏެވެ.