ޗާގޯސްގެ ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ: ރައީސް

އަވަސް

21 ޖެނުއަރީ 2026 | ބުދަ | 10:00

އިނގިރޭސިވިލާތުން ހިސާރުކޮށްފައި އޮތް ޗާގޯސް، މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމާފައިވީ ނަމަވެސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމީ ދިވެހިރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗާގޯސް ލިބުން އެންމެ ހައްގުކަން ބޮޑު ޤައުމަކީ ރާއްޖެ ކަމަށް ރައީސް މުއިއްޒު މީގެކުރިންވެސް އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ. އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން ހައްގުކަން ބޮޑުވާ އެތައް ސަބަބެއް އެބަހުރި ކަމަށެވެ. އެގޮތުން ޗާގޯސް އާއި ރާއްޖެ ޖިއޮގްރަފިކަލީ މޮރިޝަސްއަށް ވުރެ ކައިރިވުމާއި، ރާއްޖެއާއި ޗާގޯސްއާއި ދެމެދު ތާރީހީ ގުޅުންތަކެއް އޮތްކަން ހެކިތަކުން ފެންނަން އޮތުން ކަމަށްވެސް ވިދާޅުވި އެވެ. "ޤާނޫނީގޮތުން ޗާގޯސް ރާއްޖެއަށް ލިބުން މާއައުލާކަން ބޮޑު،" ރައީސް ވިދާޅުވި އެވެ. ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް އިނގިރޭސި ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއިން ވަކާލާތު ކުރާ ކަންކަމާއި ރާއްޖޭގެ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރަށް އެނގޭނެ ކަމަށެވެ. "އެހެންވެ މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް،" ރައީސް ވިދާޅުވި އެވެ. ޗާގޯސް ހޯދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމަށް ބުރޫއަރައިގެން ނުދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. ރާއްޖެއާއި ޗާގޯސްއާއި ދެމެދު ހުރީ 310 މޭލެވެ. އެކަމަކު ޗާގޯސްގެ މިލްކުވެރިކަން މިހާރު ހޯދައިގެން އުޅޭ މޮރިޝަސްއާއި ޗާގޯސްއާ ދެމެދު 1300 މޭލުގެ ދުރުމިނެއް ހުރެ އެވެ. އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރު ވަނީ ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރަން ނިންމާފަ އެވެ. ކޯޓުގެ ނިންމުމާއެކު ޗާގޯސް ހިސާރުކޮށްގެން ތިބި އިނގިރޭސީން ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުއިއްޒު ވަނީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މައުޟޫޢުތަށް