އދގެ އިމާރާތްތަކަކަށް އިޒުރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އަވަސް
21 ޖެނުއަރީ 2026 | ބުދަ | 12:53
ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ އެޖެންސީ (އަންރުވާ) އިން އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާގައި ހަދާފައިވާ އިމާރާތްތަކެއް ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ އަސްކަރިއްޔާ އިން ސުންނާފަތިކޮށްލުމުން ދިވެހި ސަރުކާރުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒުރޭލުގެ އެފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި އެއީ އދއާއި އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކަމަށްވެސް ބުންޏެވެ. މިބަޔާނުގައި ބުނެފައިވަނީ އިޒުރޭލުގެ އެފަދަ އަމަލުތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން މިހާރުވެސް ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. އިޒުރޭލުގެ އަމަލުތަކަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން ނެރެފައިވާ އަމުރުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގައި ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަންރުވާ އިން އަދާކުރާ ދައުރަށް ދިވެހި ސަރުކާރުން ތާއީދުކުރާކަން ފާހަގަކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ އިޒުރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އެކަން ހުއްޓުވައި، އިޒުރޭލު ޒިންމާދާރު ކުރުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން އަމަލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްވެސް މިބަޔާނުގައި ގޮވާލާފައިވެ އެވެ.