މައުމޫންގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން ކެންސަލްކޮށްފި

އަވަސް

21 ޖެނުއަރީ 2026 | ބުދަ | 1:20

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން ފަސް ދައުވާއެއްގައި ހުކުމް ކުރުމަށް މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 11:30އަށް ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލްކުރީ އިދާރީ ސަބަބުތަކަކާ ގުޅިގެން ކަމަށް ކޯޓުން ބުންޏެވެ. މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އޭސީސީން ފޮނުވި މައްސަލަތައް ދިރާސާކުރުމަށްފަހު ދައުލަތުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ. އެއީ:

މައުމޫންގެ ދައުލަތުން އުފުލި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށްލުމަށް މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. މައުމޫންގެ ފަރާތުން 12 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ބުނެ އެވެ. މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު މައުމޫނަށް ކުރި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އެ ދުވަސްވަރު ރާއްޖެ އިން ބޭރަށް ފުރާފަ އެވެ. އޭގެ ގިނަ އަހަރުތަކެއް ފަހުން އޭނާ ރާއްޖެ އައިސްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މައުޟޫޢުތަށް