ޚިދުމަތްތެރި މުދައްރިސް އައިންތު މިސް އަވަހާރަވެއްޖެ
އަވަސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 1:28
ތައުލީމީ ދާއިރާއަށް ގިނަ އަހަރުތަކަކު ޚިދުމަތްކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) ކެންސަރު ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އައިންތު މިސް އަވަހާރަވީ އުމުރުން 58 އަހަރުގައެވެ. އައިންތު މިސް ތައުލީމީ ދާއިރާގައި 34 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރެއްވި އެވެ. އައިންތު މިސް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. ކުޑަ ދުވަސްކޮޅަކު މަޖީދިއްޔާ ސްކޫލުގައިވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ކަމާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަންވެސް އައިންތު މިސް ކުރައްވާފައިވެ އެވެ. އައިންތު މިސް އަވަހާރަވިއިރު ފިރިއަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަހުއްޓެވެ. އައިންތު މިސްގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ ގައެވެ.