ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ބަހަން ފަށަނީ
އަވަސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 2:57
ކުރިއަށް ރޯދަ މަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ނިންމައިފި އެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރޯދަ ހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށެވެ. މި އަހަރުގެ ރޯދަމަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ. މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.