ޝަހީމްގެ ހިޔާލެއް: ތަރާވީހް ނަމާދާއި ދަމު ނަމާދަށް ބަހައިގެން ހަތިމްކުރަން

އަވަސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 3:54

މީސްތަކުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ތަރާވީހް ނަމާދު ހިފްޒުކޮށް ކުރާ އިމާމުން ޚަތިމްކުރާއިރު ތަރާވީހް ނަމާދާއި ފަހު ދިހައިގައި ދަމު ނަމާދަށް ބަހައިގެން ކިޔެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިޔާލެއް ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރު ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ތަރާވީހް ނަމާދު ހިފްޒުކޮށް ކުރާ އިމާމުން ރޯދަ މަހުގައި ޤުރުއާން ޚަތިމްކުރާއިރު، މީސްތަކުންނަށް ލުއިފަސޭހަކުރުމަށް ޚަތިމްކުރާއިރު، ތަރާވީޙް ނަމާދާއި، ފަހު ދިހައިގައި ދަމުނަމާދަށް ބަހައިގެން ކިޔަވާ ގޮތައް ހަދައިފި ނަމަ ވަރަށް ބޮޑަށް އިމާމުންނަށް ވެސް މީސްތަކުންނަށް ވެސް ލުއިވެ އަދި ޚަތިމްވެސް ކުރެވިގެންދާނެ ކަމަށެވެ. "އެއިރުން ކޮންމެ ރެޔަކު ވެސް ތަރާވީޙު ނަމާދުގައި އެއް ފޮތުގެ ބަދަލުގައި ބައިިފޮތް ނުވަތަ އެއަށް ވުރެ ތަންކޮޅެއް ދިގުކޮށް ކިޔަވާނީ، އަދި ފަހު ދިހަގެ ތަރާވީޙް ނަމާދަށް ފަހު، ތަހައްޖުދާއެކު ބާކީ ކިޔަވާނީ،" ޝަހީމް ވިދާޅުވި އެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ގިނަ މިސްކިތްތަކުގައި ޢަމަލު ކުރާ ގޮތްކަން ފާހަގަކުރައްވާ މިކަމުގައި ކިޔަވާގެ ގޮތުގެ ޓޭބަލް ޝަހީމް ވަނީ އާންމުކުރައްވާފަ އެވެ.

މިހާރު އަމަލު ކުރާގޮތަކީ ފަހު ދިހައިގެ ދަނު ނަމާދުގައި ބަޤަރާ ސޫރަތް އަލުން ފެށުމެވެ. "އޭގެ ބަދަލުގައި 20 ވަނަ ދުވަހުގެ ރޭ ތަރީވީޙްގައި ނިންމާ ހިސާބުން އެރޭ ދަމު ނަމާދު ގައި ކުރިއަށް ގެންދާނީ އެވެ. ދަމު ނަމާދުގައި ނިމޭ ހިސާބުން އަނެއް ދުވަހު ތަރާވީޙްގައި ކުރިއަށް ގެންދާނީ އެވެ،" ޝަހީމް ވިދާޅުވި އެވެ. މިގޮތަށް އަމަލުކޮށްފި ނަމަ ޙިފްޒުކޮށް ޚަތިމް ކުރެވިފައި އިމާމާއި މައުމޫމުންނަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށާއި އަވަހަށް ނަމާދު ނިމި މުސްކުޅި މީހުންނާ ބަލި މީހުންނަށް ވެސް ފަސޭހަވެ ހަތިމްކުރުމުގައި ބައިވެރިވެވިގެންދާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް