އުކުޅަހަށް ގެންދިޔަ ޖަނަރޭޓަރު ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފި
އަވަސް
23 ޖެނުއަރީ 2026 | ހުކުރު | 3:25
ސްޓެލްކޯ އިން އއ. އުކުޅަހަށް ގެންދިޔަ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފި އެވެ.
އަތޮޅުތެރޭ އިންޖީނުގެތަކުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރު ކުރުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. އުކުޅަހަށް ގެންދިޔައީ 1،000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2،564 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ޕީކް ސީޒަނަށާއި ރޯދަ މަހަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވައި ކޮމިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.