ގައުމީ ފުޓްސަލް ޓީމަށް ނައިބް ރައީސް ހިތްވަރު ދެއްވައިފި
އަވަސް
23 ޖެނުއަރީ 2026 | ހުކުރު | 8:30
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ހިތްވަރުދެއްވައިފި އެވެ.
ދައުލަތުގެ މީޑިއާއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނައިބް ރައީސް ވިދާޅުވީ ގައުމީ ޓީމުގައި ހުނަރުވެރި ކުޅުންތެރިންތަކެއް ތިބިކަން ޓީމު މިހާރު ހޯދަމުންދާ ކާމިޔާބީން އެނގޭ ކަމަށެވެ. ނައިބް ރައީސް ވިދާޅުވީ ގައުމީ ޓީމުން މިހާރު ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދު ކުރެއްވި ނަތީޖާތަކެއް ކަމަށެވެ. ޓީމު ތައްޔާރުކުރުމަށް ކޯޗު ކޮށްދީފައިވާ މަސައްކަތް ވެސް ނައިބް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ނައިބް ރައީސް ވިދާޅުވީ ދިވެހިން އަބަދުވެސް ތިބޭނީ ގައުމީ ޓީމާ އެކު ކަމަށެވެ. އަދި މާދަމާގެ މެޗުގައި ގައުމީ ޓީމަށް ކާމިޔާބު ލިބުމަށް އެދި ދިވެހިން ކެތްމަދުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ދެއްކި ކުޅުމަށްވެސް ނައިބް ރައީސް ވަނީ ހިތްވަރު ދެއްވާފަ އެވެ.