ރޯދަ ހަދިޔާ: މަސްދަޅު ކޭސްތައް ބަހަން ފަށައިފި

އަވަސް

25 ޖެނުއަރީ 2026 | އާދިއްތަ | 9:22

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ފަށައިފި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު 118،773 ގޭބީސީއަކަށް މަސްކޭސް ބެހުމަށް ނިންމާފައިވެ އެވެ. އެއީ އަތޮޅު ތެރޭގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގެ 61،755 ގޭބީސީއެވެ. މަސްދަޅު ކޭސް ބެހުމުގައި އިސް ދައުރެއް އަދާކުރަނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީ އެވެ. އެ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި މިކަމަށް ޕޯޓަލެއް ހަދައި ޓޯކަން ނަންބަރު ދޫކުރަން ފަށާފަ އެވެ. އޭރުން ކިޔުގައި ނުޖެހި ޓޯކަން ނަންބަރުގެ ވަގުތަށް ހަަމަޖެހިފައިވާ ސަރަހައްދަކަށް ދިއުމުން މަސްދަޅު ކޭސް ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. ސަރުކާރުން ދޫކުރާ މަސްދަޅު ކޭހުގައި ޖުމްލަ 48 ދަޅު ހިމެނެ އެވެ. މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެ އެވެ. ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު މަސްދަޅު ކޭސް ބަހަން ފަށާފައިވާތީ ސަރުކާރުގެ އަމާޒަކީ މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވުން ކަމަށެވެ. މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާ އަށެވެ. މިރޭޓުން ބަލާނަމަ ސަރުކާރުން ބަހާ ޖުމްލަ މަސްދަޅު ކޭހަށް 89.6 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ.

މައުޟޫޢުތަށް