ބޯހިޔާވަހިކަމަށް އެދި 1،600 އަށްވުރެ ގިނަ އެޕްލިކޭޝަން

އަވަސް

25 ޖެނުއަރީ 2026 | އާދިއްތަ | 1:15

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުޅުވާލުމުން 1،600 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފްލެޓަށް އެދި 1،160 އެޕްލިކޭޝަން އަދި ބިމަށް އެދި 456 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން 7،605 އެޕްލިކޭޝަން ޑްރާޓްޑް މަރުހަލާގައިވާ ކަމަށް އެމިނިސްޓްރީން ބުންޏެވެ. ބިން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް