ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކުރަނީ
އަވަސް
25 ޖެނުއަރީ 2026 | އާދިއްތަ | 4:55
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި އެވެ.
މި މައްސަލައިގައި ދައުވާކުރަނީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު ޢަބްދުﷲ ގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ ޝުއައިބު އަބްދުﷲ އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިމަހުގެ 21 ވަނަ ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ކުރަން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެކެވެ. ޕީޖީ އޮފީހުން ބުނީ މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ ދެ ކުއްޖެއްގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އާއި އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.