ބޯޓުތަކަށް 24 ގަޑިއިރަށް ޕޯޓު ހުޅުވާލައިފި
އަވަސް
26 ޖެނުއަރީ 2026 | ހޯމަ | 7:50
ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތަށް އަލުން ހަމަޖައްސައިފި އެވެ. މިބަދަލަށް މިއަދުން ފެށިގެން އަމަލުކުރާނެ އެވެ.
ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓުތަކަށް ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާއަށް ނުވަދެވޭ ގޮތް ހެދީ ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަށްފަހު ސަލާމަތީ ސަބަބުތަކަކަށްޓަކައެވެ. އޭރުން ފެށިގެން މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00ގެ ނިޔަލަށް ކާގޯ ބޯޓުތަކަށް ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާއަށް ނުވަދެވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މީގެ 38 އަހަރު ކުރިން ސަރުކާރުން ނިންމާފައި އޮތް އުސޫލު ބަދަލުކޮށް ބޯޓުތަކަށް ހުޅުވާލި ފުރުސަތަކީ އިގްތިސާދީ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަލުން ގެނައި މިބަދަލާ އެކު އުޅަނދުފަހަރަށް ދެމުން އައި ކްލިޔަރެންސް ހިދުމަތާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަން 24 ގަޑި އިރު ކުރިއަށްދާނެ ކަމަށެވެ. މާލޭގެ ވިޔަފާރި ބަނދަރުން އާގުބޯޓުތަކަށް 24 ގަޑިއިރު ހިދުމަތް ނުދެވޭތީ ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ތެރޭގައި ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިން ބުނެފައިވެ އެވެ.