ރައީސް މުއިއްޒުގެ ތައުޒިޔާ ފިލިޕީންސްގެ ރައީސަށް
އަވަސް
27 ޖެނުއަރީ 2026 | އަންގާރަ | 5:39
ފިލިޕީންސްގެ ދެކުނު ބެސިލާންގައި ފެރީއެއް ބަންޑުންޖަހާލި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެޤައުމުގެ ރައީސް ފާޑިނަންޑް ރޮމުލްޑޭޒް މާކޯސްއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ގެއްލުނު މި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވާފައިވެ އެވެ. އެމަނިކުފާނުގެ މެސެޖުގައި ފިލިޕީންސްގެ ރައީސް ފާޑިނަންޑް ރޮމުލްޑޭޒް މާކޯސް އާއި، އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނާއި، ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތައުޒިޔާ ފޮނުއްވާފައި ވެއެވެ. އަދި މި ހާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެއްލިފައިވާ މީހުން ހޯދުމަށް، ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ވުމަށްވެސް، އެދިވަޑައިގެންފައިވެ އެވެ. ފިލިޕީންސްގައި 300 އަށްވުރެ ގިނަ މީހުން ދަތުރުކުރި ފެރީ ބަންޑުން ޖަހާލި ހާދިސާާގައި މިހާތަނަށް 18 މީހުން މަރުވެފައިވާއިރު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.