ސިނގިރޭޓުގެ ވިޔަފާރިކުރާ ބިދޭސީ މީހާ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލައިފި

އަވަސް

27 ޖެނުއަރީ 2026 | އަންގާރަ | 6:03

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީ މީހާ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ އެވެ. އޭނާ ހައްޔަރުކުރީ އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭ އެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ފަހަރު 15 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 11 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ދިނެވެ. ޝުކޫރު އަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލާފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވީ ނަމަވެސް މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެ ގޮތުން އޭނާ މިހާތަނަށް ބަންދުގައި 30 ދުވަސް ހޭދަކޮށްފައިވުމާއި ޕީޖީ އޮފީހުން ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައި ނުވާތީ އޭނާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒެއް ނެތް ކަމަށް ފުލުހުން ބުނެފައިވާތީ އޭނާ ޝަރުތުކޮށް ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ޝުކޫރު އަލީ ބަންދުން ދޫކޮށްލީ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު އެވެ.

މައުޟޫޢުތަށް