ހީވާގި ދަރީންތަކެއް ބިނާކުރެވޭނީ ތައުލީމަށް އަހައްމިއްޔަތުކަން ދީގެން: ރައީސް

އަވަސް

27 ޖެނުއަރީ 2026 | އަންގާރަ | 7:57

ހީވާގި ދަރީންތަކެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފެށުނު ދިރާސީ އާ އަހަރާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ. މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތަޢުލީމީ ދާއިރާގެ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ދަރިވަރުންނަށް ރައީސް މުއިއްޒު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. "ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް. ދިވެހީން އެދޭ ފާގަތި ކުރިމަގު މި ގައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސްގެ ޕޯސްޓްގައި ވަނީ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

މައުޟޫޢުތަށް