އެސްއެސްސީ އިމްތިހާނުގައި ޤުރުއާން ހިމަނަނީ

އަވަސް

27 ޖެނުއަރީ 2026 | އަންގާރަ | 1:22

އެސްއެސްސީ އިމްތިހާނުގެ ވަކި މާއްދާއެއްގެ ގޮތުގައި ޤުރުއާން ހިމަނަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެކަން އިއުލާން ކުރީ މިއަދު ފެށި ދިރާސީ އާ އަހަރާ ގުޅުވައިގެން ދެއްވި ޚިޠާބުގައެވެ. މިނިސްޓަރު ވިދާޅުވީ ޤުރުއާނުގެ އިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސުވައި، ޤުރުއާނުގެ އިލްމަށް ދަރިވަރުން ޝައުގުވެރިކުރުވުން ވަރަށް މުހިއްމު ކަމަށެވެ. އެ މަގުސަދުގައި ގައުމީ ފެންވަރުގައި ބާއްވާ، އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން މާއްދާ ހިމެނުމުގެ މަސައްކަތް މި އަހަރު ޕައިލެޓް ކުރާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ޝަފީއު ވިދާޅުވީ އަންނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނާނެ ކަމަށާއި ދަރިވަރުން އެ އިމްތިހާނު ހަދަންޖެހޭނެ ކަމަށެވެ. އެސްއެސްސީ އިމްތިހާނުގައި މިވަގުތު ހިމެނެނީ އިސްލާމާއި ދިވެހި މާއްދާ އެކަންޏެވެ. މިއީ އޯ ލެވެލް އާއި އޭ ލެވެލް ދަރިވަރުންވެސް ހެދުމަށް މަޖުބޫރު މާއްދާތަކެކެވެ.

މައުޟޫޢުތަށް