ކަނޑުއަޑީގައި ބޭނުންކުރާ އިކްއިޕްމަންޓްތަކެއް އުރީދޫއިން އެމްއެންޑީއެފަށް ހަދިޔާކޮށްފި

އަވަސް

28 ޖެނުއަރީ 2026 | ބުދަ | 3:02

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ކުރަމުންދާ މަސައްކަތްތަކަށާއި ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އެމްއެންޑީއެފްއަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި އެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި ރަސްމީކޮށް އެމްއެންޑީއެފްއާ ހަވާލުކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އެވެ.

މި އިކްއިޕްމެންޓް ތަކަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށާއި މީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އުރީދޫ މޯލްޑިވްސްއިން ވެދެއްވި މި ދީލަތި އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މައުޟޫޢުތަށް