185،000 ފަތުރުވެރިން، މިއީ 4.3 ޕަސެންޓް އިތުރުވުމެއް
އަވަސް
28 ޖެނުއަރީ 2026 | ބުދަ | 3:49
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 185،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 185،735 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 178،150 ފަތުރުވެރިންނަށްވުރެ 4.3 ޕަސެންޓް އިތުރު އަދަދެކެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.
ފަތުރުވެރިންގެ ތެރެއިން 183،438 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 671 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 523 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 535 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 342 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 227 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.