ގިރާވަރުފަޅުން ދޫކުރާ ގޯތީގެ ގުރު ނެގުން ހޮނިހިރު ދުވަހު

އަވަސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 2:49

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވާތީ ގޯތީގެ ގުރުނެގުން ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާއިރު ކުރިން ޝާއިއުކުރެވުނު ޕްލޭންގައި 610 ގޯތި މަދުވާތީ އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4,072 ގޯތި ހިމެނޭހެން އާ ލޭންޑް ޔޫސް ޕްލޭން މިމަހުގެ 26 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފަ އެވެ. މި ބަދަލާ ގުޅިގެން "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ގުރުނެގުން ހޮނިހިރު ދުވަހު ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. މީގެ އިތުރުން ގިރާވަރުފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް