ވިހަފަރުގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އަވަސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 6:08

ނ. ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައި، އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާޗް މަހު އެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ މި އަހަރުގެ ކުރީކޮޅު، ވިހަފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަންދެއްވާފަ އެވެ. ރައީސް އޮފީހުން ބުނީ މާފަރުގައި ވައިގެ ބަނދަރެއް އޮތް ކަމުގައި ވިޔަސް ނ. އަތޮޅު ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެ ބަނދަރެއް އޮތުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ، އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިގްތިސާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، ވިހަފަރު ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭ ކަމުގައި ރައީސް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން 40 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 1.6 މީޓަރުގެ އުސްމިނުގައި ހިއްކާނެ އެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަނީ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.

މައުޟޫޢުތަށް