ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުން އިނާޒު އިސްތިއުފާ ދެއްވައިފި

އަވަސް

1 ފެބްރުއަރީ 2026 | އާދިއްތަ | 2:34

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އިނާޒު ވިދާޅުވީ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގުތިސާދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށެވެ. "އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލު ކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އިނާޒު ވިދާޅުވި އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި އިނާޒު ވަނީ މި މައްސަލަ ހައްލުކުރަން އޭނާ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަޝްވަރާކޮށްގެން ހައްލެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ. ޕެންޝަން އޮފީހުގެ ބޯޑުން އިނާޒު އިސްތިއުފާ ދެއްވާފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ ޕެންޝަން އޮފީހުގެ ބޯޑުން އޭނާ އިސްތިއުފާ ދެއްވީ އެމްއެމްއޭ-ފައިނޭންސްޑް ބޮންޑާ ގުޅިގެން ކަމަށެވެ.

މައުޟޫޢުތަށް