ރައީސްގެ ޝުކުރު ޑރ. ޒާހިރަށް
އަވަސް
1 ފެބްރުއަރީ 2026 | އާދިއްތަ | 3:11
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޑރ. މުހައްމަދު ޒާހިރު ހުސައިން ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ އެ މަގާމުގައި ހުންނަވައިގެންކޮށް ދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ޑރ. ޒާހިރު ހުސެއިނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަކީ، ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާ އެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ. އެ ގޮތުން ސަރުކާރުން އޭރު ފެށި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައި ދެއްވުމުގައްޔާއި ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ޑރ. ޒާހިރު ދެއްކެވި ވާހަކަފުޅުގައި އައިޔޫއެމްގައި ހިދުމަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މި ސަރުކާރުންވެސް އެ ފުރުސަތު ދެއްވީތީ ރައީސަށް ޝުކުރު ދެންނެވި އެވެ. ޒާހިރު ހުސައިން ދައުލަތަށްކޮށް ދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސިޓީފުޅެއް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް ރައީސް މުއިއްޒު އެރުއްވި އެވެ. މި ސިޓީފުޅުގައި އައިޔޫއެމްގެ ޗާންސެލަރު ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތަޢުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވައިފައިވެ އެވެ. އަދި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައިފައިވެ އެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒެވެ.