ސަލީމް ލިއުއްވި "އެޗްއާރުސީއެމް ގެ ހަނދާންތައް" ރައީސަށް ހަދިޔާ ކުރައްވައިފި
އަވަސް
1 ފެބްރުއަރީ 2026 | އާދިއްތަ | 3:18
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަހުމަދު ސަލީމް ލިޔުއްވި ފޮތް، ''އެޗްއާރުސީއެމް ގެ ހަނދާންތައް'' ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދިޔާ ކުރައްވައިފި އެވެ.
މި ފޮތް ރައީސަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފަ އެވެ. މި ފޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެން އައި ގޮތާއި ރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތަޖުރިބާތަކަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. މީގެ އިތުރުން ރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީހީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށްވެސް މިފޮތުގައި އަލިއަޅުވާލާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2003 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވި އެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.