ސަރުކާރަށް ލަފާ ދޭން އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރު ކަމަށް ހުޅުވާލައިފި

އަވަސް

2 ފެބްރުއަރީ 2026 | ހޯމަ | 6:26

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ރޭ ހުޅުވާލައިފި އެވެ.

މި ގޮތުން އެކުލަވާލެއްވުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އެވެ.

މި ކޮމިޓީއަށް 13 މެންބަރުން އައްޔަންކުރަން ވަނީ ނިންމާފަ އެވެ. އެ ގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާއަތްތަކުން 3 މެންބަރުން އައްޔަންކުރާއިރު ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގގެ ދާއިރާއިން 1 މެންބަރާއި އާކިޓެކްޗާގެ ދާއިރާއިން 1 މެންބަރު އަދި ކުއެންޓިޓީ ސާވޭއިންގެ ދާއިރާއިން މެންބަރަކު އައްޔަންކުރާނެ އެވެ. މީގެ އިތުރުން ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގައި ހިމެނޭ ތިރީގައިވާ ކެޓަގަރީގެ ކޮންޓްރެކްޓަރުން ތަމްސީލުކުރާ ފަރާތްތަކުން މެންބަރުން އައްޔަންކުރަން ވަނީ ނިންމާފަ އެވެ. އެ ގޮތުން ޖެނެރަލް ބިލްޑިން/ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން ތަމްސީލުކުރާނެ މެންބަރަކާއި ހާބަ ކޮންޓްރެކްޓަރުން ތަމްސީލުކުރާނެ މެންބަރަކާއި ޔޫޓިލިޓީ ކޮންޓްރެކްޓަރުންގެ މެންބަރަކާއި އިމާރާތްކުރުމުގެ ދާއިރާއާގުޅޭ ތަކެތި އެތެރެކޮށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ މެންބަރެއް ހިމެނެ އެވެ. މީގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން މެންބަރަކާއި ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ މެންބަރެއް އަދި ބިލްޑިން ސާވިސަސް އިންޖިނިއަރިން ދާއިރާގެ މެންބަރެއް އައްޔަންކުރަން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް