ދެ އިންތިހާބު އެއްކޮށްލާ ވޯޓު އެޕްރީލް 4ގައި ނަގަން ފަލާހު ތާއީދު

އަވަސް

2 ފެބްރުއަރީ 2026 | ހޯމަ | 7:21

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިހާބު އޮންނަ ދުވަހު ބޭއްވުމަށް ތާއީދުކުރައްވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާއަށްފަހު ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނެސް މަޖިލީހުން އެ އިސްލާހުތައް ފާސްކޮށް ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވޭނެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެޕްރީލް 4 ވަނަ ދުވަހު މި އިންތިހާބުގައި މި ވޯޓުލާ ވަގުތު މި ދެ އިންތިހާބު އެއްކޮށްލާ ވޯޓުވެސް ބޭއްވިއްޖެ ކަމަށްވަންޏާމުން ހަގީގަތުގައި ދައުލަތުގެ ބަޖެޓަށް 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،" ފަލާހު ވިދާޅުވި އެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓު އެ ދުވަހު ނުބޭވިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން އިތުރަށް ތައްޔާރުވާންޖެހި އެހެން ދުވަހެއްގައި ވޯޓުނަގާ ނަމަށް އިތުރަށް 80 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ފަލާހް ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެން ގެންނަން މި އުޅޭ އިސްލާހު އެޕްރީލް 4 ވަނަ ދުވަހު އޮންނާނެ ކަމަށް،" ފަލާހް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

މައުޟޫޢުތަށް