އަވަސް ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގެ އިގްތިސާދަށް ނުރައްކާވުން ގާތް: ފައިސަލް
އަވަސް
2 ފެބްރުއަރީ 2026 | ހޯމަ | 10:14
މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހިސާބަށް ދިއުން ގާތް ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ އިގުުތިސާދު ރަނގަޅު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް މާލީ އިދާރާތަކުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން ދޭ ލަފަޔާ މަޝްވަރާއަށް ސަރުކާރުން އަމަލު ނުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނެވުން ނޫންގޮތެއް ނެތި އެގޮތަށް އަމަލު ކުރެއްވުމަށް މަޖުބޫރުވުން ކަމަށެވެ. "ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި އިންފްލޭޝަން މަތިވުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރިތަކަށްވެސް ގޮތްހުސްވާ ހިސާބަށް ދިޔުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތިވަމުންދާ ސަބަބު،" ފައިސަލް ނަސީމް ވިދާޅުވި އެވެ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި އުފެއްދުންތެރިކަން އިތުރުކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާންޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. "މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކަށް ނާޅައިފިނަމަ، މިއަދު ދުނިޔެއަށް ކުރިމަރިމަތިވަމުންދާ ހަލަބޮލި ކަމުގެ ތެރެެއިން، ރާއްޖޭގެ އިގްތިސާދު ނުރައްކާތެރި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް،" ފައިސަލް ވިދާޅުވި އެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ފައިސަލް ނަސީމް ވަނީ ގޮވާލައްވާފަ އެވެ.