ޒަކާތު ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އުފައްދަވާ މެންބަރުން އައްޔަންކުރައްވައިފި
އަވަސް
2 ފެބްރުއަރީ 2026 | ހޯމަ | 4:11
ޒަކާތުގެ ގާނޫނުގެ ދަށުން، "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވާ އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ޒަކާތުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފާއާއި އިރުޝާދު ދިނުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ. ގާނޫނުގައިވާ ގޮތުން މި ކޮމިޓީ އެކުލަވާލަން ޖެހެނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަށް އައްޔަންކުރާ މެންބަރުންނަކީ އިސްލާމީ ޝަރީއާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމާއި ދީނީ ނަސޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންޖެހެ އެވެ.
"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.