އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ގައިދީއެއް މަރުވެއްޖެ
އަވަސް
2 ފެބްރުއަރީ 2026 | ހޯމަ | 5:41
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ގައިދީއެއް މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނި ގޮތުގައި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒި ކުރަމުންދިޔަ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) މަރުވީ މިއަދު ހެނދުނު އެވެ. އޭނާގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން މިއަދު 9:05 ހާއިރު ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ. ސުހެއިލްއަކީ މިދިޔަ އަހަރު ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ. ސުހެއިލް މަރުވުމުން އެކަން ވަގުތުން ފުލުހުންނާއި އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.