ފިޔޯރީގައި ހެދުމަށް ނިންމާފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
އަވަސް
2 ފެބްރުއަރީ 2026 | ހޯމަ | 10:22
ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ.
މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ މި މަޝްރޫއަކީ ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަގުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިގުތިސާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިއްމު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު ފިޔޯރީގައި ކުރިއަށް ގެންދިޔުމަށްޓަކައި، ހުށަހެޅި ހުށަހެޅުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވައި ބެހެއްޓެވި ހާއްސަ ކަމަށްޓަކައި ނައިބް ރައީސް ވަނީ އެމަނިކުފާނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ. "މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން އެފަދަ މަޝްރޫއެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅަން ސަރުކާރުން މިވަނީ ނިންމާފައި،" ނައިބް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފިޔޯރީއަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި ފިޔޯރީއަކީ ތަރައްގީއާއި އަމިއްލަ ވަންތަކަން ދިރުވައި އާލާކުރަމުންދާ ރަށެއް ކަމަށެވެ. އަދި މި ކާރުޚާނާ ގާއިމުކުރެވުމުން، މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން މި ކާރުޚާނާ ގާއިމުކޮށް ނިމުމުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ އިތުރަށް މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މަސްވެރިކަމުގައި ޝާމިލުވުމުގެ ވިސްނުން ގެންގުޅުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު ސަރުކާރުން ވަނީ މަޝްރޫއުގެ ފަރުމާއަށް ބޮޑެތި އަދި މުހިއްމު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން ރޭވިފައި އޮތް 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3،000 މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.