ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
އަވަސް
3 ފެބްރުއަރީ 2026 | އަންގާރަ | 2:10
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 9 އިން 13 އަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ރައީސްގެ މިދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވާ އެ ޔުނިވާސިޓީގައި ތަގުރީރުކުރައްވާނެ އެވެ. މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބިޒްނަސް ފޯރަމުގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު މި ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.